ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގާ ފަހަން ދަސްކޮށްދޭ ކޯސް 23 ބައިވެރިންނާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ކޯހަކީ ބޭސިކް ލެވެލްއިން ފެށިގެން އެޑްވާންސް ލެވެލް 1 އާ ހަމައަށް، ފެހުމުގެ ހުނަރުތައް ފުރިހަމައަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ސެޕްޓެމްބަރު 7 އިން ފެށިގެން، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެއްވަނީ 2003 ވަނަ އަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ އަލްފާޟިލާ އާފިޔާ ޔޫސުފް އެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ކުޑަކުދިންގެ ތަފާތު އުމުރުފުރާތަކުގެ ހެދުންތައް ފަހާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ. އެގޮތުން ބައި އަހަރާއި 3 އަހަރާ ދެމެދު، 3 އަހަރާއި 10 އަހަރާ ދެމެދުގެ ހަވީރީ ހެދުން، އަދި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ހެދުން ފަހާނެ ގޮތް ކިޔައިދޭނެއެވެ. މީގެއިތުރުން ބޮޑެތިމީހުންގެ އަބާޔާ، ޕާޓީ ގޮތަށް ޑިޒައިންކޮށްފައިވާ ހަވީރީ ހެދުން، ދިގުހެދުން، ލިބާސް އަދި ސަގާފީ ކުރުހެދުންބުރިއާއި މާވަށު ސްކޫލް ޔުނިފޯމް ފަހާނެ ގޮތްވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ބޮކްސް ރޫ (Box pleat) ހިމެނޭހެން ތަފާތު ރީތި ސްކާޓްތަކާއި، ފިރިހެން ގަމީހާއި ކުރްތާ އަދި ފަޓުލޫނު ގޮތަށް ފަހާ ސޯޓު ފަހާނެ ގޮތްވެސް މި ކޯހުގެ ތެރެއިން ދަސްވެގެންދާނެއެވެ. ހަމައެއާއެކު ކައިވެނީގެ ހެދުންތަކުގެ ތަފާތު ފަރުމާ (Pattern) ތައް ކިޔައިދިނުމުގެ އިތުރުން، ޚާއްޞަ ހުނަރުތަކުގެ ތެރޭގައި ހިމެނޭ ޓައި ޑައި (Tie-Dye) ނުވަތަ ފޮތީގައި ކުލަޖެއްސުމާއި، ފޮތްޗާއި ރިބަން ބޭނުންކޮށްގެން މާ ހަދަން ދަސްކޮށްދިނުންވެސް މި ކޯހުގައި ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވި ކަނބަލުންނަށް ލުއިފަސޭހަތަކެއް އ.ތ.މ ކޮމެޓީން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މާވަށު އ.ތ.މ ކޮމެޓީގެ ފަރާތުން ކޮންމެ ބައިވެރިޔަކަށް 500 (ފައްސަތޭކަ) ރުފިޔާ ޚަރަދުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ފަހާފޮށި ފިޔަވައި ކޯހަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކޯސް ހިންގާ ފަރާތުން ހިލޭ ފޯރުކޮށްދޭނެއެވެ.

މަދުވެގެން 15 ބައިވެރިންނާއެކު ހިންގުމަށް ނިންމި މި ކޯހަށް މާވަށު ކަނބަލުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، 23 ބައިވެރިންނާއެކު ކޯހުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.