ލ. މާވަށު ކައުންސިލް މުވައްޒަފުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރި ތަޖުރިބާ ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުން، މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު ވަނީ ދިގުރަށަށް ޒިޔާރަތްކޮށްފައެވެ. މާވަށު ކައުންސިލްގެ ޓީމު ދިގުރަށަށް ފުރުމުން، އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަނީ އެ ބޭފުޅުންނަށް ނުހަނު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އޭގެފަހުން ދިގުރަށު ކައުންސިލް އިދާރާގައި ދެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ދެމެދު ހާއްސަ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުން ފައްޓަވަމުން މާވަށު ކައުންސިލްގެ ރައީސް ވަނީ ދެ ކައުންސިލްގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މާވަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ދިގުރަށު ކައުންސިލުގެ ޓީމްވޯކް ރޭވިފައިވާ ގޮތާއި، އެފަދަ ވަރުގަދަ ޓީމެއް ބިނާކުރުމަށް އެ ކައުންސިލުން ގެންގުޅޭ ހާއްސަ އުސޫލުތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި ދިގުރަށު ކައުންސިލުން ވަނީ ރަށުގެ ތަރައްގީއާއި ހިންގުމާ ގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއި، ކުނި މެނޭޖްކުރާ އުސޫލުތައް ހިމެނެއެވެ. އަދި ދިވެހި ސަގާފަތް ދިރުވައި ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ ގޮތުން، ރަށުގެ ގަސްގަހާގެއްސަށްވުރެ (ޓްރީ ލެވެލް) އުހަށް ގެސްޓްހައުސްތައް އިމާރާތްކުރުން މަނާކޮށްފައިވާކަން އެ ކައުންސިލުން ފާހަގަކުރިއެވެ.

ބައްދަލުވުން ނިންމުމަށްފަހު، މާވަށު ކައުންސިލްގެ ޓީމުން ވަނީ ދިގުރަށުގެ މުހިންމު ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެތަންތަން ބަލާލާފައެވެ. މިގޮތުން އެ ރަށުގެ މަޝްހޫރު ތުނޑިއަށާއި، ރަށުގެ ކުނި މެނޭޖްކުރާ ސަރަހައްދަށް ޒިޔާރަތްކޮށް، އެތަންތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަނީ ބަލައިފައެވެ.

ދިގުރަށު ކައުންސިލުން ތައްޔާރުކޮށްދެއްވި މެންދުރުގެ ހާއްސަ ފަރިއްކޮޅަށްފަހު، މާވަށު ކައުންސިލްގެ ޓީމު އެ ރަށުން ފުރާފައިވަނީ މެންދުރުފަހު 14:30 ގައެވެ. މި ދަތުރާއެކު، މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަރިއަތޮޅު ދެކުނުބުރިއަށް ކުރި ތަޖުރިބާ ދަތުރު ވަނީ ނުހަނު ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

ގެލެރީ