ރަށްރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ފަސޭހައަށް މާޒީގައި ކޮށްފައިވާ ބުރަ މަސައްކަތްތަކަކީ އެ ރަށެއްގެ އަރުސީފުގައި ލިޔެވި, ދެމިގެންދާނެ މުހިންމު ވާހަކަތަކެކެވެ. އޭގެތެރެއިންވެސް ލ. މާވަށުގެ ރައްޔިތުން ނަމޫނާ ދައްކައިދިން އެއް މަސައްކަތަކީ ރަށުގައި ޤާއިމުކުރި “ގާފާލަމުގެ” މަސައްކަތެވެ.
ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުޞަދުގައި، ރަށުގައި ގާފާލަމެއް ހެދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 29 އޮގަސްޓް 1988 ގައެވެ. މި މަސައްކަތުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އެއްވެސް ބޭރުގެ ބޮޑު އެހީއަކަށް އިންތިޒާރުކުރުމެއްނެތި، ރަށުގެ ރައްޔިތުން އަމިއްލަ ޚަރަދުގައި ކޮށްފައިވާ ކަމެކެވެ. މިއީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ހިތްވަރު ދައްކުވައިދިން ރީތި މިސާލެކެވެ.
ރައްޔިތުންގެ ބުރަ މަސައްކަތުން ކުރިއަށްދިޔަ މި ގާފާލަމުގެ މަސައްކަތް މުޅިން ނިމިފައިވަނީ 21 ފެބްރުއަރީ 1989 ގައެވެ. މަސައްކަތް ނިމުމާ ގުޅިގެން، އަތޮޅު އޮފީހުގެ އެންގުމުގެ މަތިން މާވަށުގައި ތިއްބެވި އިސްވެރިންގެ އަތުން މި ފާލަން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ
ޒަމާން ބަދަލުވެ، ރަށުގެ ތަރައްޤީގެ އައު މަޝްރޫޢުތައް ފެށުމާ ގުޅިގެން މި ފާލަން ނަގަން ޖެހުނެވެ. އެގޮތުން، މާވަށުގެ ފަޅު ކޮންނަން ފެށުމާ ގުޅިގެން، އެ ފާލަން ވަނީ ނަގާފައެވެ. މި މަސައްކަތް ކޮށްފައިވަނީ ފަޅުކޮންނަން މާވަށަށް އައިސް އުޅުނު އެމް.ޓީ.ސީ.ސީ (MTCC) ގެ މުވައްޒަފުންނެވެ. އެ މީހުން ވަނީ އެމީހުން ގެނައި ހައިމާކާއި ލޯޑަރުފަދަ ބަރު އާލާތްތައް ބޭނުންކޮށްގެން ފާލަން ނަގާފައެވެ.
ފާލަން އޮތް މިހާރުގެ ލޮކޭސަނަކީ ބިލާލު މިސްކިތުގެ އުތުރުން ރޯސަނީމަގުގެ ކޮޅާއި ފެނަކަ އިމާރާތާއި ދޭތެރޭގައެވެ. މިއަދު މި ގާފާލަން ނުވަތަ މި މަސައްކަތަކީ ފެންނަން ނެތް ނަމަވެސް، މިއީ މާވަށު ރައްޔިތުންގެ މާޒީގެ ހަނދާންތަކާ ގުޅިފައިވާ އަދި ރަށުގެ ތާރީޚުގައި ލިޔެވިގެންދާނެ މުހިންމު ބާބެކެވެ.
ނޯޓު: މި ލިޔުމަކީ މާވަށު ކައުންސިލްގެ އަރުޝީފު ލިޔުންތަކުން ނަކަލުކޮށްގެން ލިޔެފައިވާ މައުލޫމާތުކޮޅެކެވެ. ފޮޓޯގައި އެވަނީ މާވަށުގައި ކުރީގައި ރަށަށް އަރާފޭބުމަށް ބޭނުންކުރި ވަކަރު ފާލަމެވެ.


