ތުނޑީ އަންހެނުންގެ މިސްކިތް (މަސްޖިދުއް ރަޙްމާ) ގެ ތާރީޚް
ލ. މާވަށު ތުނޑީ އަންހެނުންގެ މިސްކިތް (މަސްޖިދުއް ރަޙުމާ) އަކީ، އެ ރަށުގައި ޒަމާނީ ފެންވަރުގެ އަންހެނުންގެ މިސްކިތެއް ހެދިފައިނުވާތީ، ލ. މާވަށު ގަދަހަމާދިގޭ ޢަލީ ކަލޭފާނު އަމިއްލަ ޚަރަދުގައި ބިނާކޮށްދެއްވާފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވި ބޭފުޅެއްގެ މަޢުލޫމާތު އެގެން ނެތް ނަމަވެސް، މިސްކިތް އަލުން ތަރައްޤީކޮށް ހަދަން ފަށާފައިވަނީ 1984 އޮކްޓޯބަރ 20 ގައެވެ.
ބާވީހަކަށް ފޫޓު ދިގު، ފަނަރަ ފޫޓަށްވުރެ ފުޅާ މި މިސްކިތުގެ މަސައްކަތް މުޅިން ނިމި، އަލުން ހުޅުވާފައިވަނީ 1985 ނޮވެމްބަރ 25 ގައެވެ. މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ ލ. އަތޮޅުވެރިޔާ އަލްފާޟިލް އިސްމާޢީލް ރަޝީދެވެ.
މި މިސްކިތް އިމާރާތްކޮށްފައިވަނީ ރާނައި ދެފަރާތުން ސިމެންތިޖަހައި ކުލަލައި، ތަޅުންއަޅައި، ލަކުޑިން ސީލިންގ ކޮށްގެންނެވެ. އަދި ވަކަރުން ގެހެރި ހަދައި، ދަގަނޑު ޓިނުން ހިޔާކޮށް، ދޮރުތަކުގައި ލޫވަ ހަރުކޮށް ބިއްލޫރި ލައްވާފައިވެއެވެ. މިސްކިތް ހުރި ގޯތީގެ ބޮޑުމިނަކީ އިރުމަތީ ފަރާތުން 49 ފޫޓު 3 އިންޗި، ހުޅަނގު ފަރާތުން 39 ފޫޓު 10 އިންޗި، އުތުރު ފަރާތުން 46 ފޫޓު 6 އިންޗި، އަދި ދެކުނު ފަރާތުން 47 ފޫޓެވެ. ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މި މިސްކިތުގެ އިމާމުކަން ކުރައްވާފައިވަނީ ލ. މާވަށު ދޮންބަށިގޭ އާމިނަތު އާދަމެވެ.